2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅުމަތީގައި، ޙައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތް ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަނުން ހުށަހެޅި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ފުލުހުންގެ އަމަލުތަކާ ގުޅޭ ސުވާލުތައް
މިކަން ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި، މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި، ޙައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތް ހާދިސާގެ މަޢުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމާއި، އެހެންކަމުން އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނުއިރު ސީން އޮފް ކްރައިމް އޮފިސަރުން ހެކި ނަގައި ނިމިފައިވާކަން ހިމެނެއެވެ.
އަދި ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙުޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކުރެވިފައިވެއެވެ.
މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ވެސް ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.
މިހެންކަމުން ރިޔާސީ ކޮމިޝަނުން މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ޚިދުމަތާގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށް އޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށް ޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ. މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީ އާއި، ދާއޫދު އަޙްމަދު މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބަޔާންކުރައްވައިފައިވާތީއާއި، ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ. މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ރިޔާސީ ކޮމިޝަނުގެ އެ ނިންމެވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އައި.ޖީ.އެމް.އެޗް. އާއި އެފް.ޕީ.ޔޫ.ގެ ބެލެހެއްޓުން
މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ، ޞިއްޙީ ވުޒާރާއަށް އެންގެވި އެންގެވުމުގައި އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ) އިން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ވެސް މުހިންމު ކަންކަން ފާހަގަކުރައްވާފައިވެއެވެ.
އޭގެ ތެރޭގައި، ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައި.ޖީ.އެމް.އެޗް.ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.) އިން، އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ.އަށް އެންގުމަށްފަހު، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާކަން ހިމެނެއެވެ. މިއީ އެފް.ޕީ.ޔޫ.ގެ އެސް.އޯ.ޕީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ޢަމަލެއްކަން ފާހަގަކުރައްވާ، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ ޢާއިލާއިން އެދިއްޖެ ނަމަ، އެފް.ޕީ.ޔޫ.ގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެނިފައިވެއެވެ.
އަދި އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗް.އަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމުކަމަށް ކޮމިޝަނުން ދެކެއެވެ.
މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރެއްވި މި ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ޞިއްޙީ ވުޒާރާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

