ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވާއިރު، ފުރަތަމަ ޚިދުމަތް ދޭނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓުތަކަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ. މީޑިއާތަކާ އެކު ސީޕްލޭން ޓާމިނަލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނީގެ އެމްޑީ ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ފަހު ޚިދުމަތްތައް މަޑުމަޑުން ބަދަލު ކުރުމަށް ކޮންސަލްޓެންޓް ލަފާދީފައިވާ ކަަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހާ ދިމާކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ މި ޓާމިނަލްގެ މަސައްކަތް ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މި މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މަޝްރޫއު ލަސްވެފައިވާތީ އަވަހަށް ނިންމުމަށް އެމްއޭސީއެލްގެ ވެރިންނަށް އިރުޝާދު ދެއްވާފައިވެއެވެ.
އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވި ގޮތުގައި، އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފަރ (އޯރެޓް) މަރުހަލާ ފުރިހަމަކުރެވޭނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖުތައް ހުޅުވުމުގެ ދުވަހު ހުޅުވޭނެ ނަމަވެސް، މުޅި ކޮމާޝަލް އޭރިއާ ފުރިހަމައަށް ނިމި އޮޕަރޭޝަނަށް ގެނެވޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ މި އާ ޓާމިނަލްގައި 48 ޗެކިން ކައުންޓަރާއި، އިމިގްރޭޝަންގެ 48 ކައުންޓަރު އަދި ކަސްޓަމްސްގެ 6 ބެލްޓު ހުންނާނެއެވެ. މީގެ އިތުރުން އެއިރޯ ބްރިޖުތަކާއި، ސެލްފް ސާވިސް ކިއޮސްކް، ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމް ހިމެނެއެވެ.
މި މަޝްރޫއަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 80 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. މަޝްރޫއު ނިމޭއިރު ޖުމްލަ 9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މޯލްޑިވިއަންގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމަށްފަހު އިތުރު 9 އެއާލައިނެއް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

