ބަސްތަތަކުން ނުވަތަ ހަރަކާތުން ބަޔަކު ހެއްވާލުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެކަހަލަ ހުނަރުވެރި ފަންނާނަކު ހޯދާލުމަކީ އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. ދުނިޔޭގެ 8 ބިލިޔަން މީހުންގެ އާބާދީގައި މރ.ބީން އާއި ޗާލީ ޗޮޕްލިން އާއި ޖިމްކެރީ ކަހަލަ މަދުމީހެއްގެ ވާހަކަ ދެކެވެނީ އެހެންވެއެވެ. މިލިސްޓަށް ދިވެއްސަކު އިތުރުކުރާނަމަ އެމީހަކަށްވާނީ ބިސްގަނޑު އަޅާ ތަވައެއް ހިފައިގެން، މީގެ 20 އަހަރު ކުރިން ނުކުމެ "ސީރިއަސްލީއޭ" ގޮވާލި މަޝްހޫރު ކޮމޭޑިއަން އަހްމަދު ޝާޒް ތަޖޫބެ އެވެ.
ސްޓޭންޑަޕް ކޮމެޑީއާއި ވަންމޭން ޝޯވް ހުށަހެޅުމުގެ "ރަސްގެފާނު" ގެ އެންމެ ހަގުދަރިފުޅު މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގައި އޮތް ކުޑަކުދިންގެ ހަވީރެއްގެ އިވެންޓެއްގެ ތެެރެއިން މިވަނީ ދައްކާލާފައެވެ.
ހަރަކާތާއެކު ވާހަކައެއް، ޔޫސުފް އަޒާން އަހުމަދު ހުށަހަޅައިދިނީ އޭނާގެ ބައްޕަ ތަޖޫބެގެ ސްޓައިލުގައެވެ. ގެންގުޅޭ ހަރަކާތާއި އަޑުވެސް ހަމަ އެކަހަލަ ގޮތަކަށެވެ. މޫނު ފެނުމުގެ ކުރިން އެއަޑު އިވުމުން އެދިމާލަށް ދެވުނީވެސް ތަޖޫބެ ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ޙައިރާންވީ ތަޖޫބެ ނުފެނި އަޑު އިވޭތީއެވެ. އާދެ، ސްޓޭޖުމަތީ ހުރީ ތަޖޫއެއް ނޫނެވެ. އެކަމަކު އެއީ ތަޖޫބެ ގެ ހަގު "ވާރޝަަން" އެކެވެ. އެންމެން ހެއްވަމުން، އެހާމެ ކެރިހުރެ "ވަންމޭން ކޮމެޑީ ޝޯވ" އުމުރުން 14 އަހަރުގެ އަޒާން ނިންމާލީ އެހާމެ ފަސޭހަކޮށެވެ.

އަޒާން، މަންމައާއި ބައްޕަ އަދި ބޭބެމެންނާއެކު—-ފޮޓޯ: ޝާޒް
އެހިސާބުން އަޒާން އާއި ބައްދަލުވުމަށް އަޅުގަނޑު ބޭނުން ވިއެވެ. މިފަދަ ހުނަރުވެރިންނަކީ މުސްތަޤްބަލް އުޖާލާކޮށްދޭނެ، ޤައުމަށް ފައިދާ ކުރާނެ ދިވެހި ޤައުމުގެ އުންމީދެވެ. އަޒާނަކީ ހުރިހާ ގޮތަކުންވެސް ފާހަގަ ކޮށްލެވޭ ކުއްޖެކެވެ. އަޒާންގެ ހުނަރުތަކާއި ހުށިޔާރުކަން އޭނާއާ ވާހަކަ ދައްކާލުމުން ހާމަވެގެން ދިޔައެވެ.
އަޒާން ހުނަަރުން ފުރިފައި، އެންމެ ގަޔާވަނީ ސްޓޭންޑް-އަޕް ކޮމެޑީ، ޙަރަކާތާއެކު ޝޯވ ހުށަހެޅުން؛
ހުރަވީ ސުކޫލުގެ ގުރޭޑު އަށެއްގައި ތައުލީމު ހާސިލު ކުރަމުންދާ އަޒާންގެ ދުވަސް އޮންނަނީ އެކި ކަންކަމުން ފުރިފައެވެ. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ދުވަސް ފަށާ އަޒާނަކީ ސުކޫލުގެ ހުރިހާ ހަރަކާތެއްގައިހެން ބައިވެރިވާ ކުއްޖެކެވެ. ދިވެހިއަދަބީ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަޚުރުވެރި ރަންވަނަތަކެއްވެސް ހާސިލުކުރަމުން އަންނަ ތޫނުފިލި ކުއްޖެކެވެ.
އަޒާންގެ ދުވަސްތައް ރޭވިފައި އޮންނަނީ ވަރަށްވެސް ތަރުތީބުކޮށް އަދި އެހާމެ ބުރަ ތާވަލަކަށް ކަމަށް ވިޔަސް އެއީ އެއުމުރުގެ ކުއްްޖެއްގެ ކުރިމަގަށްޓަކައި ވަރަށްވެސް ފައިދާހުރި އަދި އެހާމެ މުހިންމު ގޮތެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 5:30 ގައި ހޭލައެވެ. ނަމާދުކޮށް، ހެނދުނުގެ ނާސްތާއަށްފަހު 6:45 ނުވަތަ 6:50 ގައި ސްކޫލަށް ދާން ތައްޔާރުވެއެވެ. ސްކޫލު ނިމެނީ 11:45 ގައެވެ. ސްކޫލު ނިމިގެން އަންނަނީ އަޒާންގެ ކުޑަވަގުތުކޮޅެއްގެ "ފްރީ ޓައިމް" އެވެ. ބައެއް ދުވަސްތަކުގައި ނިދާލައެވެ. ފޯނާ ކުޅޭ ވަގުތުވެސް ހަމަޖައްސައެވެ. އާންމުކޮށް މެންދުރު ނަމާދަށްފަހު ޓިއުޝަނަށް ދެއެވެ. ޓިއުޝަން ނިމިގެން އައިސް ނަމާދަށްފަހު ފަރިތަކުރުންތައް އޮންނަ ދުވަސްދުވަހު އިންޓަސްކޫލް ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ޕްރެކްޓިސްއަށް ދެއެވެ. އާންމުކޮށް ފުޓްބޯޅަ ކުޅެން ދިޔަނަމަވެސް މިދުވަސްކޮޅު ކުޅެން ދިއުމުގެ ބަދަލުގައި ކެޑޭޓް ކޯޕްރަލް އަޒާން އުޅެނީ 26 ޕެރޭޑަށް ތައްޔާރުވުމުގައި ވަރަށް އަވަދިނެތިއެވެ. އާންމުކޮށް ކަމެއް ނެތިއްޔާ 9:30 ހާއިރު ނިދާފައި އޮންނަ އަޒާން، ކެޑޭޓް އޮންނަ މިދުވަސްކޮޅު އެންމެ ލަސްވެގެންވެސް 12 ޖަހާއިރު ނިދަން އޮށޯންނަކަމަށް ބުންޏެވެ.

އަޒާން(މ) ޓައިކުއަންޑޯ ކުލާސްތަކުގެ ތެރެއިން—-ފޮޓޯ: ޝާޒް
"ވަރަށް ގިނަ އެކްޓިވިޓީތަކުގައި ބައިވެރިވަން، އެކަމަކު އެންމެ ކުރާ ހިތްވަނީ ސްޓޭޖު ހަރަކާތް،" ސްޓޭންޑްއަޕް ކޮމެޑީއަށް ޝައުގުވެރިކަން ހުންނަ އަޒާން ކިޔައިދިނެވެ.
2020 ވަނަ އަހަރު 27 ސުކޫލާ ވާދަކޮށް، ގްރޭޑް 9، 10 ގެ އަދި ކޮލެޖުގެ ދަރިވަރުންނާ ވާދަކޮށް ހަރަކާތާއެކު ވާހަކަ ކިއުމުގެ އަދަބީ މުބާރާތަކުން ފަހުރުވެރި 2 ވަނަ ގެނައިއިރު އަޒާންގެ އުމުރަކީ އެންމެ 8 އަހަރެވެ. އޯޑިއަންސް ހިފަހައްޓާލުމުގެ ހުނަރު އަޒާނަށް ލިބިފައިވަނީ ބައްޕަގެ ފަރާތުންކަން އެއަޑާއެކު ހަރަކާތްތައް ފެންނަ ކޮންމެ މީހަކަށްވެސް ޔަގީން ކުރެވޭނެއެވެ.
"ބައްޕަ އަދަބީ ހަރަކާތްތަކުން ވަނަ ނަގަން ވަރަށް މަސައްކަތް ކޮށްދޭނެ،" އަޒާން

އަޒާން- ކެޑޭޓު ޙަރަކާތް، ޕެރޭޑެއްގެ ތެރެއިން — ފޮޓޯ: ޝާޒް
އަޒާނަކީ ހެވިކަމަށާއި ކަސްރަތީ ފަންނުވެރިކަމަށްވެސް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. އޭނާ ވަނީ ޓައިކުއަންޑޯ ކުލާސްތަކުގައި ވެސް ބައިވެެރިވެ، އޭގެ ބައެއް އިވެންޓުތަކުންވެސް ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައެވެ. ބައިވެރިވި ހުރިހާ މުބާރާތަކުންވެސް ސިލްވަރ ނުވަތަ ބްރޮންޒް މެޑަލް ހާސިލުކޮށްފައިވާ އަޒާންގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ސިފައަކީ އަހުލާގާއި ސުލޫކެވެ. އެ އުމުރުގެ ފިރިހެން ކުއްޖެއްގެ ކިބައިން އެހާ ރަނގަޅު ޚުލްޤަކާއި އިސްލާމްދީނަށް ލޯބިކުރާ އާދަތަކެއް ފެނުމުން ތަރުބިއްޔަތު ކުރެވިފައިވަނީ ކިހާ ރަނގަޅަކަށް ކަން ސާބިތުވެއެވެ.
ކުޅިވަރަށްވެސް އެހާމެ ޝައުގުވެރިކަން ހުންނަ އަޒާން ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ބާސްކެޓް ބޯޅަ ކުޅުނު ނަމަވެސް، އެންމެ ކުޅޭހިތްވަނީ ފުޓްބޯޅައެވެ. ފުޓްބޯޅައިގައިވެސް އަޒާން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުގައި ސެކަންޑް ކީޕަރަކަށް އަދި ފަސްޓް ކީޕަރަށްވެސް އަޒާން ވަނީ ކުޅެފައެވެ. ނަމަވެސް، ބެކްބޯން އިންޖަރީއަކަށްފަހު ކުޅުން ހުއްޓާލި ކަމަށާއި ފަހުން ކުޅެން ފެށީ ޔޫވީ ޓީމާއެކުގައި ކަމަށް އަޒާން ވަނީ ބުނެފައެވެ. އަޒާން މިހާރު ކުޅެމުން ދަނީ ޔޫވީ ޓީމް އަންޑަރ 14 ގެ ފަސްޓް 11 ގެ ޑިފެންސް މިޑްފީލްޑަރަކަށެވެ.

އަޒާން – ކުޅިވަރު ޕްރެކްޓިސް އަކަށް ގޮސް — ފޮޓޯ: ޝާޒް
މުސްތަޤްބަލާ މެދު އަޒާންގެ އުއްމީދުތައްވެސް ވަރަށް ގިނައެވެ. ހުވަފެންތައް ބޮޑެވެ. ސްކޫލު ނިމިގެން ބައްޕައެކޭ އެއްގޮތަށް ސިފައިންގެއަށް ވަންނަން ގަސްދު ކުރާއިރު އަޒާންގެ އެންމެ ބޮޑު އެއް އުއްމީދަކީ މުސްތަޤްބަލުގައި ޤައުމީ ފުޓްބޯޅަ ކުޅުންތެރިއަކަށްވުމެވެ. މުޅި ޤައުމަށް ފައިދާހުރި މީހަކަށް ވުމެވެ.
"އެންމެ ފުރަތަމައަށް އަންނާނީ އިސްލާމްދީން ދެން އޭގެ ފަހަތަށް އެހެން ހުރިހާކަމެއް ވަންނާނީ،" އަޒާން
އަޒާންގެ އަޑުން އޭނާގެ އަޒުމުގެ ހަރުދަނާކަން ހާމަވެގެންދިޔައެވެ. ދިރިއުޅުމުގައި ވަރަށްވެސް ކާމިޔާބު މީހަކަށް ވާން ބޭނުންވާ އަޒާން ބުނި ގޮތުގައި ކުޅިވަރު ކުޅެން ޖެހެއެވެ، އެހެންނަމަވެސް ކުޅިވަރު ވެސް އަންނާނީ ދީނާއި ތައުލީމު ފަހަތަށެވެ.
އަޒާންގެ މަންމައާއި ބައްޕަގެ ފަރާތުން އޭނާއަށް ފުރިހަމަ ލޯތްބާއި އަޅާލުން ލިބެއެވެ. ހަމައެހެންމެ، މަންމައާއި ބައްޕަ ދެމީހުންގެ ބަހުންވެސް އެނގުނީ އަޒާނަކީ ވަރަށް ބަސްއަހާ ކުއްޖެއް ކަމެވެ.

އަޒާން —ބައިކް ރޭހުން ވެސް ކާމިޔާބު ހޯދާފައި — ފޮޓޯ: ޝާޒް

އަޒާން —ބައިކް ރޭހުގައި — ފޮޓޯ: ޝާޒް
"މަންމައާއި ބައްޕަ ދެމީހުންކުރެ ކޮންމެވެސް އެކެއްގެ ހުއްދަ ނެތި ބޭރަކަށް ނުނިކުންނާނެ .ބަސްއަހާ .ވަރަށް ތޫނުފިލި ކުއްޖެއް އަޒާނަކީ. ކޮންމެ ކަމެއްގައި ބައިވެރިވިއަސް ސީދާ ވަނައަށް މަސައްކަތްކުރޭ،" އަޒާންގެ ބައްޕަ އަހްމަދު ޝާޒް
"ކޮންމެ ކަމެއް ވެސް މަންމައާ ހިއްސާ ކުރާ ދަރިއެއް އެއީ އަޅުގަނޑު ދަރިފުޅާ ބާއްވަނީ މަންމަ އަކަށް ވުރެ ބޮޑަށް ގާތް ރަހުމަތްތެރިއެއްގެ ގުޅުން. އެގޮތުން ކޮންމެ ކަމެއްވެސް ކޮންމެ ވާހަކައެއްވެސް ހާސްކަމެއް ނެތި ހުޅުވިފައިވާ ހިތަކުން އަޅުގަނޑާ ހިއްސާ ކުރާނެ،" އަޒާންގެ މަންމަ
"މާޝާﷲ، ވަރަށް ބަސް އަހާނެ، އަމުދުން އެއްވެސް ކަމެއް މަންމައާއި ބައްޕަގެ ހުއްދައާ ނުލައި ނުކުރާނެ،" އެހިސާބުން އަޒާން މަންމަގެ އަރު ބެދުނެވެ. ބަސްއަހާ ދަރިއަކު ހުރުމުގެ އިހުސާސް ކުރެވި ދެލޮލަށް ޖަމާވީ އުފާވެރިކަމުގެ ކަރުނަ އެވެ.
"އެންމެ ފުރަތަމަ ޝުކުރު އަދާ ކުރާނީ ﷲ ތައާލާއަށް، ދެން މަންމައާއި ބައްޕައަށް، ހުރިހާ ކަމެއްގައިވެސް އެހީވާ ދެމީހުން އެއީ، ދެން އަޅުގަނޑަށް އެހީތެރިވާ މުދައްރިސުންނާއި އެކުވެރިން، އެންމެނަށް ވެސް ޝުކުރު ދަންނަވަން،" އަޒާން ޝުކުރު އަދާ ކުރަން ބޭނުންވާ ފަރާތްތައް ކިޔައިދިނެވެ.

ފޮޓޯ: ޝާޒް
އެހެން ކުދިންނަށް އަޒާން ދޭ ނަސޭހަތަކީ، "އެއްވެސް ކަމެއް ކުރަންޏާ އެކަމުގައި އޮންނަ އެންމެ ރަނގަޅަށް އެކަމެއް ކުރުން. ދިރިއުޅުމުގައި އިސްކަންދޭން ޖެހޭ ތަރުތީބަކީ 1 ވަނައަށް ދީން، 2 ވަނައަށް ތަޢުލީމް، 3 ވަނައަށް ކުޅިވަރު،"
ހަމަގައިމުވެސް، މިފަދަ ވިސްނުންތެރި، ހުނަރުވެރި އަދި ބަސްއަހާ ކުއްޖަކީ މާދަމާ ޤައުމު ފަޚުރުވެރިވާނެ ޒުވާނެކެވެ.
ހުވަދޫމީޑީއާ އިން އެދެނީ އަޒާންގެ ހުރިހާ އުއްމީދެއް ޙަޤީޤަތަކަށްވެ، އަޒާން ބޭނުންވާފަދައިން ހުވަފެންތައް ސީދާވެ، އަދަށްވުރެ ފަހި މާދަމާއެއް ލިބުމެވެ.

