ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ވިމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މިފަދައިން ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރަން ޖެހެއެވެ. އަދި "ޑިޕްލޮމަސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އދ.ން ފެށި ހަރަކާތުގެ މައި ހިއްސާދާރެއްގެ ގޮތުގައި ދިވެހި ރާއްޖޭން މި ދުވަސް ފާހަގަކުރަނީ ފަޚުރުވެރިކަމާއެކުގައި" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި އަންހެނުންނާއި އަންހެން ކުދިން ތަމްސީލް ކުރާ، އެ މީހުންގެ އަޑުއަހާ، އަދި އިހުތިރާމްކުރާ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖޭން އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ހަމަޖެހުމާއި ތަރައްގީގައިވެސް އަންހެނުން އަދާކުރަނީ މުހިންމު ދައުރެއްކަން ފާހަގަކުރެއްވިއެވެ.
"ވިމެން އިން ޑިޕްލޮމަސީ" ނުވަތަ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ އެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއެކު ޤައުމުތަކުގެ ތަރައްގީގައި އަންހެނުން އަދާކުރާ ދައުރު ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ކަމަށްވާއިރު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަހަކީ "ވިމެން އިން ޑިޕްލޮމަސީ" ދުވަސް ކަމުގައި ކަނޑައަޅާފައިވެއެވެ.

