ދުންފަތުގެ އިސްތިއުމާލު ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ދިނުމަށް ދިރާސާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންގައިފި އެވެ.
ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ރައީސް ޑރ މުއިއްޒު ވަނީ އަންގަވާފައެވެ. އެކަން ރައީސް ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ހަފްތާގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އަންގަވާފައިވަނީ، ދުންފަތުގެ އިސްތިއުމާލު އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހައްދަވައި، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށެވެ.
މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވަކި ޖީލެއްގެ މީހުންނަށް ދުންފަތް ވިއްކުމާއި ބޭނުންކުރުން މަނާވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އަދި މިހާރު ވަނީ ބިޑި ހެދުމަށް ބޭނުންކުރާ ރިޒްލާއާއި ދުންފަތް އޮޅަން ގެންގުޅޭ ކަރުދާސް އަދި ދުންފަތް ވެސް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، 21 އަހަރު ނުފުރޭ މީހުންނަށް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، އެ އުމުރުފުރައިގެ މީހުން ދުންފަތުގެ ބާވަތްތައް ވިއްކާ ފިހާރަތަކުގެ ސޭޓުގައި އިނުމާއި ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވުންވެސް މަނާކުރެވިފައިވެއެވެ.
މި އައު އިސްލާހީ ފިޔަވަޅުތަކާއެކު، ދުންފަތުގެ އިސްތިއުމާލުން މުޅިން ދުރުހެލިވެފައިވާ ރަށްރަށަށް ދެވޭ ފައިސާގެ އިނާމަކީ، ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

