ކުޅުދުއްފުށީ އެއަރޕޯޓްގެ އައު ޒަމާނީ ޕެސެންޖަރ ޓާރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، މަސައްކަތްނުފެށި ލަސްވަނީ ގެންނަންޖެހޭ ބަދަލުތަކާއި ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށް ދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއަރޕޯޓަކީ 2018ވަނަ އަހަރު، އޭރުގެ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށް ވަރަށް އަވަސް އަރުވާލައިގެން ނިންމި އެއަރޕޯޓެކެވެ. ސަރުކާރުގެ ހަފްތާ-14ގައި ހިމަނާފައިވާގޮތަށް، އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށްކަމަށެވެ.

