ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގ ދިނުމަށް އަމާޒުކޮށްގެން "ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް" މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޕޫލް އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕޫލްގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރާއި ތަޖުރިބާ އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކޮށް، އެހެން މުވައްޒަފުންނަށް ބޭނުންވާ ޢިލްމާއި ހުނަރު ގާތުން ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް ކުންފުނީގެ ތެރެއިން ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
މިއަދު ބޭއްވުނު އިފްތިތާޙީ ރަސްމިއްޔާތުގައި ސްޓެލްކޯގެ 35 މުވައްޒަފަކަށް ވަނީ "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކުރުމަށްފަހު، ސްޓެލްކޯގެ ސެޓިފައިޑް ޓްރެއިނަރެއްގެ ލައިސެންސް ދޫކޮށްފައެވެ. އަދި ހަމަ މި ރަސްމިއްޔާތުގައި ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް އިފުތިތާޙުކުރުން—-ފޮޓޯ:ސްޓެލްކޯ
ޓްރެއިނަރސް ޕޫލްގައި މިވަގުތު ހިމެނޭ 35 މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ އިތުރުން، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސް، ސެކިއުރިޓީ، މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މި ޕޫލް އިތުރަށް ތަރައްޤީކޮށް، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ވަނީ ނިންމާފައެވެ. "މިއީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ކުންފުނީގެ ކިބައިން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން ކުރާ މުހިންމު މަސައްކަތެއް" ކަމުގައި ފަހުމީ ވިދާޅުވިއެވެ.

