ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޤައުމީ ތަރައްޤީގައި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ދެއްކެވި ޚިޔާލުފުޅަށް، ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ކަމަށްވާ އ.ދ. އިން މަރުހަބާ ކިޔައިފިއެވެ.
އ.ދ. އިން ކޮންމެ އަހަރެއްގެ ޖޫން 23 ވަނަ ދުވަހު ފާހަގަކުރާ ޕަބްލިކް ސަރވިސް ދުވަހާ ގުޅުވައިގެން ރައީސް މުއިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރެއްވިއެވެ. މި ޕޯސްޓުގައި “ޕަބްލިކް ސަރވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް” ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެ ބޭފުޅުން މުހިންމު ދައުރެއް އަދާކުރައްވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ޕޯސްޓާ ގުޅިގެން އ.ދ. އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ދައުލަތުގެ މުވައްޒަފުންގެ އަގުވަޒަންކުރައްވައި، ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި، ޤައުމުގެ މުސްތަޤުބަލު ބިނާކުރަން ރައީސް މުއިއްޒު ކުރައްވަމުންދާ ހެޔޮވެރިކަމަށް މަރުހަބާ ދަންނަވާފައެވެ.
އަދި ރައީސް މުއިއްޒު ވަނީ ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
އ.ދ. ގެ ޕަބްލިކް ސަރވިސް ދުވަހަކީ ޕަބްލިކް ސަރވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެ މީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ޙިއްޞާ ދެނެގަތުމާއި، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ.

