އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މަރްޙޫމްގެ ދެ ދަރިން މިއަދު ބަންގްލަދޭޝްއަށް ފުރައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ސައިޚް ޚިދުމަތްކުރެއްވި ޚިދުމަތް ޖަމިއްޔާއިން މީސްމީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އަދި އެ ޖަމިއްޔާއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ސައިޚްގެ ދެ ދަރިން ވަނީ މި މަޝްރޫޢުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ޚިދުމަތް ޖަމިއްޔާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ 250 އަކަ މީޓަރުގެ ބިމެއްގައެވެ. މި މިސްކިތަކީ އެއްފަހަރާ 455 މީހުންނަށް އަޅުކަން ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް އެ ޖަމިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.
އަލްމަރްހޫމް ޝައިޚް ފަރީދު އަވަހާރަވެވަޑައިގަތީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށެވެ. އަދި ޖޫން 11 ވަނަ ދުވަހު މެލޭޝިއާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައި ވަނީ ފަސްދާނުލެވިފައެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި އަޅާ މިސްކިތް ބަންގްލަދޭޝްގައި އެޅުމަށް ނިންމުމާއެކު، އެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މަރްޙޫމްގެ ދެ ދަރިން ފުރުމަކީ އެ ޢާއިލާއަށާއި މުޅި މުޖުތަމަޢުއަށް ލިބިގެންދިޔަ އުފާވެރި ވަގުތުކޮޅެކެވެ.

