ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، އަންނަ މަހުގެ 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައި ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 އަދި 27 ވަނަ ދުވަހު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 28 ވަނަ ދުވަހުގެ ޕްރޮގްރާމުގައިވެސް މުހިންމު ގިނަ ކަންތައްތަކެއް ހިމެނޭތީ، އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ގޮތެއްގައެވެ. މިކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ

