އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" މިއަދު ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ.
އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އާއި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި އޮޕަރޭޝަންގައި 35 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާއިރު، އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ އެކި އިދާރާތަކުގެ މެދުގައި ވިލަރެސްކޮށްގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.
އިމިގްރޭޝަނުން މި ފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށާއި، އެފަދަ ފަރާތްތަކަށް މަގުފަހިކޮށްދޭ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅުމަށެވެ.

