ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ދިވެހި ފުލުހުން ޚިދުމަތުން ފޮނުއްވައިފިއެވެ.
މިމައްސަލައަކީ މިދިޔަ މާރިޗުމަހުގެ ކުރީކޮޅު ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ޤައުމީ ސަލާމަތާއި ގުޅުންހުރި ޚާއްސަ އޮޕަރޭޝަނާއި ގުޅޭ މައްސަލައެވެ.
އޭރު ހިންގި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ބައެއް ގެތައް ބަލާ ފާސްކޮށްފައިވާއިރު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ދައުވާކުރުމާމެދު ވަކި ގޮތެއް އަންނަ މަހުގެ 7 ގެ ކުރިން ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި ހާއްސަ އޮޕަރޭޝަނުގައި މާލޭގެ އިތުރުން ސަލާމަތީ ބާރުތަކުން ހުޅުމާލޭގެ ވެސް ބައެއް ތަންތަންވެސް ބަލާ ފާސްކޮށްފައިވާއިރު، އެ ތަންތަނުން ވަނީ ބައެއް ތަކެތި ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

