ސްކޫލެއްގައި ދަރިވަރަކަށް ބުލީ ކޮށް އަނިޔާކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ އަތޮޅުތެރޭގެ ސްކޫލެއްގެ، ފިރިހެން ދަރިވަރުންތަކެއްގެ މެދުގައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް ބުލީކުރި މައްސަލައެއް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ބަލަމުން އަންނަކަން މިސްމީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.
އެ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި އެ ހާދިސާ ހިއްސާކޮށް ޕޯސްޓެއް ލިޔެފައެވެ.
ކުއްޖާގެ ބައްޕަގެ ޕޯސްޓުގައިވަނީ ދަރިފުޅަށް އަނިޔާކުރީ ދަރިފުޅުގެ ކްލާހުގައި އިންނަ އެހެން ކުއްޖަކު ކަމަށެވެ. އަދި ކުއްޖާގެ ބައްޕަ ބުނީ ހައިރާންވި ކަމަކީ ސްކޫލުން އަމަލުކުރި ގޮތުން ކަމަށެވެ. ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ސްކޫލުން ގަބޫލުކުރި ކަމަށާއި، އެކަމަކު ދަރިފުޅު އެކަން ސްކޫލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ސުކޫލުން ބުނެފައިވާ ކަމަށެވެ.
ކުއްޖާގެ ބައްޕަވަނީ ކުއްޖާގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅައި، ލޭ އައިސްފައި ހުރި މަންޒަރު ފެންނަ ފޮޓޯވެސް ހިއްސާކޮށްފައެވެ.
ބައްޕަ ބުނީ ސްކޫލުން ދިން ޖަވާބާމެދު ހިތްހަމަނުޖެހޭ ކަމަށާއި، އަދި ސްކޫލުތަކުގައި ހިނގާ އެފަދަ ކަންކަން ހުއްޓުވުމާއި ކުދިން ރައްކާތެރި ކުރުމަކީ ސްކޫލުގެ ޒިންމާއެއް ކަމަށެވެ. ދަރިވަރުގެ ބައްޕަ ބުނެފައިވަނީ ދަރިފުޅަށް އިންސާފު ލިބެންދެން އިންސާފު ހޯދަދެން މަސައްކަތްކުރާނެ ކަމަށެވެ.

