މިއަދު ހެނދުނު 10:30 ހާއިރު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އެވެ. އޭނާ ފެނިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ޖުމްލަ 6 މީހުން ދަތުރުކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ސިފައިންގެ 3 މީހަކާއި ބަންގުލަދޭޝްއަށް ނިސްބަތްވާ 3 ބިދޭސީންނެވެ.
އުޅަނދު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާގައި އަދިވެސް ގެއްލިފައިވާ އެއް ބިދޭސީއަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި މި ހާދިސާ ހިނގި ސަބަބު ބެލުމަށް ތަޙްޤީޤެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

