މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވުމާ ގުޅިގެން އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، “ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައި” ކަމަށާއި، އަދި “ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް” ކަން ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށްވާއިރު، އުޅަނދުގައި ދަތުރުކުރި 6 މީހުންގެ ތެރެއިން 5 މީހަކު ވަނީ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. މި ވަގުތު ހޮސްޕިޓަލުގައި 4 މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
އެމްއެންޑީއެފްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުގައި ދަތުރުކުރި 6 މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންގެ 3 މީހުންނާއި ބަންގުލަދޭޝްގެ 3 ރައްޔިތުންނެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، ދަތުރުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޢަލީ ޙާމިދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރައްވާފައެވެ.

