ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރުމަށް ދުނިޔޭގެ ބޮޑެތި އެއަރޕޯޓްތަކާއެކު މަސައްކަތްކޮށްފައިވާ މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައި ސީއީއޯ ޝަރީފް ވިދާޅުވީ، އައު ޓަރމިނަލްގެ މަސައްކަތް ހަޤީޤަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގެންދަވަނީ ރައީސްގެ އިރުޝާދާއި ލަފާފުޅުގެ ދަށުންކަން ފާހަގަކުރައްވައި، އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރައްނަން. އެކަމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓް ތަކާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން މިއަންނަނީ،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
72,000 އަކަ މީޓަރުގެ މައްޗަށް ތަރައްޤީކޮށްފައިވާ އައު ޓަރމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ޓަރމިނަލްގައި 47 ޗެކިން ކައުންޓަރާއި، ސެލްފް ސާވިސްގެ 6 ކިއޮސްކާއި، ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރު ހުންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މިހާރު ބޭނުންކުރަމުންދާ ޓަރމިނަލްއާ ޚިލާފަށް އަލަށް ހުޅުވާ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށާއި، ޓަރމިނަލްގެ އެތެރެއާއި ބޭރުން ދިވެހިވަންތަކަމުގެ ސިފަތައް ފެންނަމުންދާނެކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

