ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު، މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށް ފަހުގައެވެ. މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި، ލިޔެކިޔުންތައް ދިރާސާކޮށްފައިވާކަމަށް އެލްޖީއޭއިން ވަނީ ހާމަކޮށްފައެވެ.
އެލްޖީއޭގެ އިންކުއަރީގައި 19 މައްސަލައެއް ބަލާފައިވާއިރު، ތިނަދޫ ސިޓީ ކައުންސިލުން ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ 3 މަސްދުވަހަށާއި، ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ އެއް މަސްދުވަހަށް ސަސްޕެންޑް ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު، އާމިނަތު ނަސީމާ އަދި އަޙްމީމާ އަޙްމަދަށްވެސް ނަސޭހަތްތެރިވެ، އިތުރަށް ދީފައިވާ މުސާރަ އަނބުރާ ދެއްކުމަށް އަންގާފައިވެއެވެ.
އެލްޖީއޭއިން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމާއެކު ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް
އެލްޖީއޭއިން ވަނީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ މުވައްޒަފުންގެ މައްސަލަ ބަލައި، މުވައްޒަފުންގެ އިހުމާލެއް ވާނަމަ ފިޔަވަޅު އެޅުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށްވެސް ނިންމާފައެވެ.

