ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، އެފަރާތްތަކުގެ ދިރިއުޅުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން “އެމްޕަވަރމަންޓް ހަބް” އެއް ގާއިމުކުރުމަށް، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، އައްޝައިހް ޢިއްޒައްދީން އަދްނާން އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް އިސްމާއިލް އަލީއެވެ.
25 އަހަރުގެ މުއްދަތަށް ކުރެވޭ މި އެއްބަސްވުމުގެ ދަށުން ގާއިމުކުރާ “އެމްޕަވަރމަންޓް ހަބް” އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކި ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރަމުންދާ އަމާންއުދަރެސް ޓަވަރު 7 ގެ އެއްވަނަ ފަންގިފިލާގައި ގާއިމުކުރެވޭ މަރުކަޒެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ހަބް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އިތުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ހަބުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތު ދިނުމާއި، ހުނަރު ތަރައްގީކުރުމާއި، ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމުގެ އިތުރުން، މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތުތައް ހޯދައިދިނުން ހިމެނެއެވެ. މި މަޝްރޫއަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހު ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ.

