ހުޅުމާލޭގައި ހަދާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 20:20 އެހައިކަށްހާއިރު ހުޅުމާލޭ ޖަވާހިރުމަގު ހިނގުމުގައި ފުލުހުން ހަދާފައިވާ ޗެކްޕޮއިންޓެއް ކައިރިން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފުލުހުން ވެހިކަލްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރުމަށް އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ވަނީ ފުލުހެއްގެ ގައިގައި ޖައްސާފައެވެ.
މި މައްސަލައާ ގުޅިގެން ސައިކަލު ދުއްވި ފަރާތް ކަމަށްވާ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ހާދިސާގައި ފުލުސް މީހާއަށް އަނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޔޫނުސްގެ އަތުގައި އެއްވެސް ބާވަތެއްގެ ދުއްވުމުގެ ލައިސަންސެއް ނެތެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

