ރޯޑް ޑިވެލޮޕްމަންޓް ކޮމްޕެނީ (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ، (ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް) އަލީ ޒުހައިރު، ގދ.ފަރެސްމާތޮޑާ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ 0ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާރްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި އެ ކުންފުނިން ފަރެސްމާތޮޑާގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެއިތުރުން، ދެ ފަރާތުން އެއްބާރުލުން ދެވިދާނެ އެހެނިހެން ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
ފަރެސްމާތޮޑާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރަށުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
އާރްޑީސީއަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވެފައި، ރާއްޖޭގެ މަގުތައް ހެދުމާއި، މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

