ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލީ އިއްޔެގެ ހެނދުނު 10:30ހާއިރުގައެވެ. ހަ މީހުން ދަތުރުކުރިއިރު އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި، 1 އާންމު ފަރާތް އަދި 3 ބިދޭސީންނެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންނެވެ. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް ވަނީ އޮޔާ ގޮސްފައެވެ.

މި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުމުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ފެނިފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. ޙާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފައެވެ.

އަދި މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ އަދިވެސް ކުރަމުންނެވެ.

މި ޙާދިސާއާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ އެމްއެންޑީއެފުން ބަލަމުންނެވެ.

