ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން، އެ ގައުމުގެ ރައީސް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ޖުލައި 29 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.
މި ދަތުރުފުޅުގައި، ރާއްޖޭއާއި ލަންކާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުން އޮންނާނެއެވެ. އަދި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާނަމަވެސް، މި ދަތުރުފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއާ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 29 ޖުލައި 1965 ގައެވެ.

