ކ. ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 26,453 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 40,111 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 5,445 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 86 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. އަދި 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެ އިތުރުން، 105 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި، 20 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1,795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
62.78 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖޫން އެކެއްގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ނިމުމުން ހުރާގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

