އިންޑިއާގެ އެސްޓްރޮނޯޓް ޝުބާންޝޫ ޝުކްލާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް 41 އަހަރު ފަހުން ދިޔަ ފުރަތަމަ އިންޑިއާ ރައްޔިތުގެ ލަގަބު ހޯދައިފިއެވެ.
ގްރޫޕް ކެޕްޓަން ޝުބްހަންޝޫ ޝުކްލާ ހިމެނޭހެން މަލްޓި-ކަންޓްރީ ކްރޫ އެކު “އެކްސިއަމް-4 (އެކްސް-4)” މިޝަން، ފެށިފައިވަނީ ބުދަ ދުވަހު، އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރގެ ނާސާ ލޯންޗްޕެޑުން، އެމެރިކާގެ އިރުމަތީ ގަޑިން 02:31، އަދި އިންޑިއާ ގަޑިން 12:01) ގައެވެ.
މީގެ 41 އަހަރު ކުރިން، 1984 ވަނަ އަހަރު ރަޝިއާގެ ސޯޔޫޒް ބޯޓެއްގައި ކޮސްމޮނޯޓް ރާކޭޝް ޝަރުމާ ވަނީ ޖައްވަށް ދަތުރުކޮށް، ޖައްވަށް ދިޔަ ފުރަތަމަ އިންޑިއާ ރައްޔިތުގެ ލަބަގު ހޯދާފައެވެ.
ޝުބްހަންޝޫ ޝުކްލާ އަކީ ޖައްވަށް ދަތުރުކުރި އިންޑިއާގެ ދެވަނަ މީހާއަށްވީނަމަވެސް، އޭނާ ވެގެންދާނީ ނާސާގެ އޯބިޓިން ލެބޯރެޓަރީއަށް ޒިޔާރަތްކުރި ފުރަތަމަ އިންޑިއާ މީހާއަށެވެ. ހަތަރު މީހުންގެ ކްރޫއެއްގެ ގޮތުގައި ހިމެނޭ މި ކްރޫގައި ކޮމާންޑަރުގެ ގޮތުގައި ހުންނެވީ ދެފަހަރެއްގެ މަތިން އައި.އެސް.އެސް ގެ ކޮމާންޑަރުކަން ކޮށްފައިވާ، 675 ދުވަހަށްވުރެ ގިނަ ދުވަސް ޖައްވުގައި ހޭދަކޮށްފައިވާ އަދި 10 ވަރަކަށް ފަހަރު ޖައްވުގައި މަސައްކަތް ކޮށްފައިވާ ނާސާގެ ކުރީގެ އެސްޓްރޮނޯޓް، ޕެގީ ވިޓްސަންއެވެ.
މި ކްރޫގައި ހިމެނޭ އެހެން މެންބަރުންނަކީ ޕޮލެންޑްގެ ސްލަވޮޝް އުޒްނަންސްކީ-ވިސްނިއެވްސްކީ އާއި ހަންގޭރީގެ ޓިބޯރ ކާޕޫއެވެ. މި ދެ މީހުންނަކީ ވެސް 40 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ޕޮލެންޑުންނާއި ހަންގޭރީ އިން ޖައްވަށް ފޮނުވާލި ފުރަތަމަ މީހުންނެވެ.
މިޝަންގެ ޕައިލެޓް ކަމަށްވާ ޝުކްލާ އާއި ކްރޫ ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަހު އައިއެސްއެސްގައި ހޭދަކުރާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ޖައްވީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނާސާ އާއި އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގުޅިގެން މި މިޝަންގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝުކްލާގެ މި ފްލައިޓަކީ 2027 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ ފުރަތަމަ އިންސާނީ ޖައްވީ މިޝަންގެ ކުރިމަގުގެ ގޮތުގައި ދެކޭ ޕައިލެޓެވެ.
މި މިޝަނަށް ހޮވުނު އިންޑިއާގެ ވައިގެ ސިފައިންގެ ހަތަރު ޕައިލެޓުން ރަޝިޔާގައި ފުރަތަމަ ތަމްރީނު ފުރިހަމަކޮށް، އިންޑިއާގައި އިތުރު ތަމްރީނުތައް ހޯދަމުންދާ ކަމަށް އިންޑިއާ ސަރުކާރުން މެއި މަހު ނެރުނު ބަޔާނެއްގައިވެ އެވެ. މިދިޔަ ޖޫން މަހު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި މޯދީގެ ވެރިކަމުގައި އިންޑިއާގެ ޖައްވީ މަސައްކަތްތަށް ހަލުވިކުރުމަށް މަސައްކަތް ފަށާފައެވެ.

