ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ބޭސްފަރުވާއަށް އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަން ނިންމައިފިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުއަރެންސާ ގުޅިގެންނެވެ. މި އިންޝުއަރެންސް ސްކީމް ފެށުމަށް ހަމަޖެހިފައިވަނީ މުޙައްރަމް 1447 އިން ފެށިގެންނެވެ. މި އިންޝުއަރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި، ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގުފަހިކުރުމަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2,852 ފަރާތެއް ރަޖިސްޓްރީވެފައިވާއިރު، މިދިޔަ އޭޕްރީލް މަހު އެކަނި ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.7 މިލިއަން ރުފިޔާގެ އެހީ 111 ފަރާތަކަށް ހަމަޖައްސައިދީފައިވެއެވެ. އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ ވަނީ އެމަހު ޚަރަދުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެހެން މަސްތަކެކޭ އެއްފަދައިން އޭޕްރީލް މަހުވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ޒަކާތު ފަންޑުން ފަޤީރުންނަށް ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި، ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، ފަޤީރުންގެ ބޭސްފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

