ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލްގެ އެލްއެފްސީ ފޭން ޒޯންގައި ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލް އެފްސީގެ ލެޖެންޑް ޑާރކް ކައިޓް ބައިވެރިވެއްޖެއެވެ.
މި ހާއްސަ ހަރަކާތުގައި ކައިޓް ބައިވެރިވެ، ލިވަޕޫލްގެ ފޭނުންނާއެކު ފޮޓޯ ނެގުމާއި ޖާރޒީގައި ސޮއިކުރުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔައެވެ. "މިއީ އަހަރެން ރާއްޖެ އައި ފުރަތަމަ ފަހަރު. ރާއްޖޭން ލިބުނު މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ކައިޓް ޕީއެސްއެމް ނިއުސްއަށް ދެއްކި ވާހަކައިގައި ބުންޏެވެ.

ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލް އެފްސީގެ ލެޖެންޑް ޑާރކް ކައިޓް ދައުލަތުގެ މީޑިއާއާ ވާހަކަދައްކަނީ
ކައިޓަކީ 2012 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ލަނޑެއް ޖަހާ، ލިވަޕޫލް އެފްސީއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭނާއަކީ ލިވަޕޫލް އެފްސީ، ފެޔެނޫޑް އަދި ފެނެބާޗޭ ފަދަ މަޝްހޫރު ކުލަބްތަކަށް ކުޅެފައިވާ ފޯވާޑެކެވެ. އަދި ނެދަލޭންޑްސްގެ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެ، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސްއިން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރިއެވެ.
780،000 އަށް ވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރުން ތިބި ކައިޓްގެ މި ދަތުރުގެ ސަބަބުން ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި އެލްއެފްސީ އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލް ކުރެވޭނެ ކަމަށް ކައިޓް ފާހަގަކުރިއެވެ.

ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލް އެފްސީގެ ލެޖެންޑް ޑާރކް ކައިޓް ރާއްޖޭގައި، އޮޓޯގްރާފް ދެނީ
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ ފުޑް ކާނިވަލްގެ ފޭން ޒޯންގައި މިރޭވެސް ކައިޓްއާއެކު ފޮޓޯ ނެގުމާއި އޮޓޯގްރާފް ހޯދުމާއި އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވިފައިވެއެވެ.

