ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ
ރައީސާ ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު، ކޮމެޓީގެ އެލަވަންސް ގޮތުގައި ދީފައިވާ ފައިސާ 2 މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގިކަމަށް އެލްޖީއޭއިން ބުނެފައި އެވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ކޮމިޓީގެ ރައީސް ޖީޒާ ހަސަން ވިދާޅުވެއްޖެއެވެ. އެލްޖީއޭއިން މި ނިންމުން ނިންމާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށް ފަހުގައެވެ.
ހުވަދޫމީޑިއާއަށް މައުލޫމާތު ދެއްވަމުން ޖީޒާ ވިދާޅުވީ، އެލްޖީއޭ އިން އެގޮތަށް ނިންމީ ކީއްވެގެންތޯ ސުވާލުކުރުމުން އެއީ ތިނަދޫ ކައުންސިލުން ދީފައި ހުރި ލިޔެކިޔުންތަކާއި މައުލޫމާތުތަކުގެ އަލީގައި ނިންމި ނިންމުމެއް ކަމަށް އެލްޖީއޭއިން ބުނެފައިވާ ކަމަށެވެ. އެހެންކަމަށް ވާނަމަ، ތިނަދޫ ކައުންސިލުން އެލްޖީއޭއަށް ދީފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށް ޖީޒާ ވަނީ ތުހުމަތުކޮށްފައެވެ.
ޖީޒާ ވިދާޅުވީ އޭނާގެ މައްޗަށް އެފަދަ އެއްވެސް އިންކުއަރީއެއް ހިންގާފައި ނުވާކަމަށާއި، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން އޭނާއާ ސުވާލުކޮށް ތަހުގީގެއް ހިންގާފައި ނުވާކަމަށެވެ. އަދި އޭނާ އެއްވެސް އިންކުއަރީއަކަށް ހާޒިރުކޮށްފައި ނުވާކަމަށާއި، އެއްވެސް ކަމެއްގައި އެލްޖީއޭއިން އޭނާއާ ސުވާލުކޮށްފައި ނުވާކަމަށް ޖީޒާ ހާމަކުރެއްވިއެވެ. އެހެންކަމުން އެލްޖީއޭއިން އެގޮތަށް ނިންމާފައި ވަނީ ތިނަދޫ ސިޓީ ކައުންސިލުން ދީފައިވާ ލިޔުންތަކެއްގެ މައްޗަށް ކަމަށްވާނަމަ، އެއީ އޭނާއާ ދެކޮޅަށް ދީފައިވާ ދޮގު މައުލޫމާތުތަކެއްކަމަށް ޖީޒާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރަށް މިކަމުގައި އެލްޖީއޭ ގެ މައްސަލައެއް ނެތް ކަމަށާއި އެހެންނަމަވެސް އެލްޖީއޭއަށް މައުލޫމާތު ދީފައިވާ ގޮތް ދޮގުކަމަށެވެ. ޑަބްލިއުޑީސީއަކީ އަމިއްލަ މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ކޮމިޓީއެއްކަމަށާއި ކޮމެޓީގެ އެއްވެސް މައްސަލައެއް ބެލެންވާނީ ކޮމެޓީގެ ރައީސް އަދި މެންބަރުންނާއި ސުވާލު ކޮށްގެން ކަމުގައެވެ.
އަދި ތިނަދޫކައުންސިލުން އެފަދައިން މައުލޫމާތު ދިނުމުން އެކަން ވެރިފައިކޮށްްފައި ސުވާލުކޮށް ޖަވާބުދާރީވާނެ ފުރުސަތެއް ދެއްވިނަމަ ރަނގަޅުވީސްކަމަށްވެސް ޖީޒާ ވިދާޅުވިއެވެ.

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޖީޒާ ހަސަން
ޖީޒާ މިކަންތައް ފާހަގަކުރައްވާފަައި ވަނީ ތިނަދޫކައުންސިލުން ވަރަށްބޮޑަށް އޮޅުވާލައިގެން ޑަބްލިއުޑީސީ ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.
ޖީޒާ ވިދާޅުވީ، އޭނާއާ ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި އެއްވެސް އުސޫލަކާ ގަވާއިދަކާ ހިލާފަށް ކަމެއް ކޮށްފައެއް ނުވާނެ ކަމަށެވެ. ދިރިއުޅުން މާލެއަށް ބަދަލުކުރި ކަމަށްވިޔަސް، ކޮންމެ މަހަކު މަދުވެގެން އެއްފަހަު ރަށަށް ގޮސް، ކޮމެޓީގެ ބައްދަލުވުންތަކަށް އެޓެންޑްވެފައި ހުންނާނެ ކަމަށާއި، އެއްވެސް ކަމެއް ނުވެފައި ނުވަތަ ޑިލޭ ވެފައި ނޯންނާނެ ކަމަށް ޖީޒާ ފާހަގަކުރެއްވިއެވެ. ޖީޒާ ވިދާޅުވެފައިވަނީ، ކޮމެޓީގެ މެންބަރުން ރަށުން ބޭރުގައި ދިރިއުޅުމަކީ ގާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މަހަކު މަދުވެގެން އެއް ފިޒިކަލް ބައްދަލުވުމާއި، ގިނަވެގެން 4 ބައްދަލުވުން ބޭއްވުމަށް ލާޒިމްކުރާ ކަމަށެވެ. އަދި މިހާތަނަށް ރަށުގައި ބާއްވަންޖެހޭ ހުރިހާ ބައްދަލުވުންތަކެއް ބާއްވާފައިވާނެ ކަމަށްވެސް ޖީޒާ ވިދާޅުވިއެވެ. އަދި މާލޭގައި ދިރި އުޅެމުންދާތީ މާލޭގައި ހުރެގެން ކޮމެޓީގެ ނަމުގައި ބައިވެރި ވެފައިވާ އެއްވެސް ބައްދަލްވުމަކަށް، ވޯރކްޝޮޕަކަށް ނުވަތަ އެނޫންވެސް ޙަރަކާތަކަށް ޖީޒާއަށް އިތުރު އެލަވަންސެއް ދީފައި ނުވާނެކަން ޖީޒާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެޓީގެ އެކްޓިވިޓީ ޕްލޭންގައި ހިމެނޭ ހުރިހާ ހަރަކާތްތަކެއް ދަނީ ރޭވިފައިވާ ގޮތަށް ކުރިއަށް ކަމަށާއި ތިނަދޫގައި ދިރި ނޫޅުނަސް ކޮމެޓީގެ ހުރިހާ ޙަރަކާތެއް ހިގަމުންދަނީ ސީދާ ކޮމެޓީގެ ރައީސާގެ ހައިސިއްޔަތުން އޭނާގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން ކަމަށްވެސް ޖީޒާ ވިދާޅުވިއެވެ
އަދި ކޮމިޓީގެ އެފްބީއިން ކޮންމެ އިވެންޓެއްވެސް އެލްޖީއޭ އަށް ޓެގް ކުރެވިފައިވާނެ ކަމަށާއި އެލްޖީއޭ އިން ބޭނުންނަމަ އެކަންކަން ބަލާލެވޭނެ ކަމަށްވެސް ޖީޒާ ވަނީ ވިދާޅުވެފަ އެވެ..

