ބ.އަތޮޅު ދޮންފަނާއި ހަނިފަރާ ދެމެދު 2020 ވަނަ އަހަރު ހިނގި ނުރައްކާތެރި ކަނޑުމަތީ ހާދިސާއެއްގައި ގެއްލުނު އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަހުމަދު (41 އަހަރު)ގެ ޣައިބު ކަށުނަމާދު މާދަމާ ކުރުމަށް ނިންމައިފިއެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވި ގޮތުގައި، ނަސްރުﷲ ނިޔާވެފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހު ކޯޓުން ވަނީ ނިންމާފައެވެ. އަދި އާއިލާގެ އެދުމުގެ މަތިން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު، ޣައިބު ކަށުނަމާދު ކުރުމުގެ ހުއްދަ ކައުންސިލުން ވަނީ ހޯދާފައެވެ.
މި ހާދިސާއާ ގުޅިގެން ނަސްރުﷲ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ރޮބޮޓް ބޭނުންކޮށްގެން ވައިގެމަގުން ކޮށްފައެވެ. މި ސަރޗް އޮޕަރޭޝަނުގައި އޭނާ ދަތުރުކުރި ޑިންގީގެ ބައެއް ދޮންފަނާއި ހަނިފަރާ ދެމެދު ކަނޑުގެ 40 މީޓަރު އަޑިން ފެނުނު ނަމަވެސް، ނަސްރުﷲގެ ހަށިގަނޑު ނުފެނުނެވެ.
މި ހާދިސާ ހިނގިއިރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުކޮޅުގައި ކަމަށާއި، އެކްސިޑެންޓާ ގުޅިގެން އޭނާ ކަނޑަށް ވެއްޓުނު ކަމަށް ވެއެވެ. މީގެއިތުރުން މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއެއްގެ ގޮތުގައި ހުރި ބިދޭސީއަކަށްވެސް އަނިޔާވި ކަމަށް ވެއެވެ.
ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި މާދަމާ ހުކުރު ނަމާދަށްފަހު އޭދަފުށީގައި ހުންނަ ތިން މިސްކިތެއްގައި ނަސްރުﷲގެ ޣައިބު ކަށުނަމާދު ކުރެވޭނެއެވެ.

