ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 4 މީހުންގެ ތެރެއިން 3 މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމަރ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް މަޢުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ކުޑަ ދެކުދިން ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައެވެ. އަދި އަނިޔާވި 18 އަހަރުން މަތީގެ ދެމީހުންގެ ތެރެއިން އެކަކު މާލެ ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
އެކްސިޑެންޓުގައި އަނިޔާވި 4 ވަނަ މީހާއަށް މިވަގުތު އުނގޫފާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ހުރިހާ މީހުންގެ ހާލަތުވެސް ވަނީ ސީރިއަސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 9:30 ހާއިރު ފައިނުގައެވެ. އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގޮސް މަގުމަތީ ހިނގާފައިދިޔަ ބައެއްގެ ގައިގައި ޖެހިގެންނެވެ.
އަނިޔާވި ފަރާތްތަކަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ފައިނު ޞިއްޙީ މަރުކަޒުގައެވެ. އޭގެފަހުން އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ.

