ގއ. ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ ގއ. ކޮލަމާފުށީ ދޮންވެލި، ޝިފާއުﷲ ސައީދު (44 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އާރް.ޓީ.އެލް ފެރީގައި ގއ. ކޮލަމާފުށްޓަށް ދަތުރުކުރި މީހެއްގެ ފޮށިގަނޑެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނުނެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށްފައިވަނީ މިއަދު (25 ޖޫން 2025) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ފުލުހުން ވަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަން ފަށާފައެވެ. މި އޮޕަރޭޝަންތަކުގެ ދަށުން ގިނަ މައްސަލަތަކެއް ވަނީ ހޯދާ ތަޙުޤީޤުކުރެވިފައެވެ.

