ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.
އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށާފައި ވަނީ ހއ. ހޯރަފުށީ ކައުންސިލްގެ އެހީތެރި ކަމާއި އެކުގައި ކަމަަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓެރޭޝަން (ޑީއެންއާރް) އިން ބުނެފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅެއްގައި ނުވަތަ އަތޮޅުވެރިކަން ކުރާ ކޮންމެ ރަށަކުން އައިޑީ ކާޑު ހެދުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް މި އަހަރު ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށި، ނ. މަނަދޫގެ އިތުރުން ނ. ކެނދިކުޅުދޫގައި ވެސް މި ހިދުމަތް ވަނީ ފަށައިފައެވެ.
މިވަގުތު ރާއްޖޭގެ 23 ރަށަކަށް މި ހިދުމަތް ދެމުން އަންނައިރު، އައިޑީ ކާޑްގެ ހިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ ވަރަކުން ހިދުމަތް ދިނުމަށް ދާހިލީ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

