ފުލުހުންގެ ޚިދުމަތުން ރައްޔިތުންނާއެކު ގުޅުން ބަދަހިކުރުމަށް “ފުލުހަކާއެކު ކޮފީއެއް” ގެ ނަމުގައި ދެވަނަ ހަރަކާތެއް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ނިންމަައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 16:30 އިން 18:00 އަށް ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މިއީ ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ނިންމާފައިވާ ޕްރޮގްރާމެކެވެ.
މި ސިލްސިލާ ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތް ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. “އެ ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާހައުލެއްގައި ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު” ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި މިފަދަ ހަރަކާތްތަކަކީ ރައްޔިތުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އަދި މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން، ތަފާތު އޮޕަރޭޝަންތައް ހިންގައި، ރައްޔިތުންނަށް ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖުތަމައުގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކޮށްފައެވެ.

