ޅ އަތޮޅާއި ލ އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްތައް ކަނޑައެޅުމަށް ތައްޔާރުވަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބަޔޯސްފިއަރ ރިޒާވް ހެދުމަށް ކަނޑައަޅާފައިވާ 3 އަތޮޅުގެ ތެރެއިން ލ. އަތޮޅާއި ޅ. އަތޮޅުގައި މި މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ޅ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވް ކަނޑައެޅުމަށް ބޭނުންވާ ހުރިހާ ދިރާސާތަކެއް މިހާރު ކުރިއަށްދާއިރު، ލ. އަތޮޅުގައިވެސް މި މަސައްކަތް ފެށިފައިވެއެވެ. އަދި އަންނަ އަހަރުތެރޭ ތިންވަނަ ބަޔޯސްފިއަރ ރިޒާވް ކަނޑައެޅުމަށް ޕްރޮޕޯސަލްތައް ހުށަހެޅޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ތިމާވެށި ހިމާޔަތް ކޮށްގެން ކުރިއަށްއޮތް ތަނަށްވެސް ގެންދަން ބަލަހައްޓަން އެބަޖެހޭ. އެއީ ތިމާވެށި ހަލާކުވެގެން ގޮއްސިކަމަށް ވަންޏާމު މީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރުން، އަދި އޭގެ ސަބަބުން އިޤްތިސާދަށްވެސް ބުރޫ އަރާނެ،” ވަޒީރު ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ވުޒާރާއިން އިސްނަގައިގެން ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި ސްކޫލްތަކުގެ ދައުރު މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މިހާރު އޮތް 3 ބަޔޯސްފިއަރ ރިޒާވްއާއި ހިމާޔަތްކުރެވިފައިވާ 92 ސަރަޙައްދުގެ އިތުރުން، އިތުރު 3 ސަރަޙައްދެއްގައި ބަޔޯސްފިއަރ ރިޒާވް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ 80 އިންސައްތަ ފަތުރުވެރިންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލުމަށް އަންނަ ފަތުރުވެރިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

