ވައިޓްލިލީއަކީ މާތަކުގެ ތެރެއިން ހިތްގައިމުވަހެއް ހުންނަ އެހާމެ ރީތިވެސް މަލެކެވެ. މަލުގެ މާނައިގައިވެސް ތާޒާކަމާއި ނަލަކަން ހިމެނޭ މިމަލަކީ ނަސީބާއި ކާމިޔާބާވެސް ގުޅުވާ މަލެކެވެ. ކޮންމެއަކަސް މިވަގުތު މިއުޅެނީ ވައިޓް ލިލީ ކިޔައިދޭކަށް ނޫނެވެ. ސޯޝަލްމީޑިއާގައި އާންމުވަމުން މިދިޔަ ހޫނު މައުޟޫއު "ލިލީމަލުގެ" ވާހަކަ ދައްކަން ތަންކޮޅެއް ލަސްވެއްޖެކަންވެސް އެނގެއެވެ. އެހެންވިޔަސް ވަގުތެއް ވީހާ އަވަހަށް މިވާހަކަ ދައްކަން އަޅުގަނޑުވެސް ކަންކަން ހޯދައި ބަލާލީމެވެ، މާބޮޑު މައުލޫމާތެއް ނުލިބުނަސް ވަގުތު ވަރަށް ކުޑަތަން ވެއްޖެއެވެ. ފަހަރެއްގައި މީގެ ހަގީގަތް މިއަދު އެނގެން ގަޑިވެސް އެއޮތީ ކިޔާފައެވެ.
މިދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި އެންމެ ހޫނު މަޢުޟޫއަކަށްވި ލިލީމާ ލިބުނު މީހުންނާއި ނުލިބޭ މީހުންވެސް އެވާހަކަ ހޫނުކޮށް އެބަ ދައްކައެވެ. ބައެއް މީހުން ލިލީ ލިބުނުކަމުގެ އުފާ ފާޅުކުރާއިރު އަނެއްބައި މީހުން ލިލީ ހޯދުމުގެ ދަތުރުގައެވެ.
މި ކެމްޕެއިން ފެށުނީ ބަތަލާ އައިޝާ އަލީ ބައިވަރު ލިލީމާތަކަކާއެކު ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޙިއްސާކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ކްރިއޭޓިވް ނެޓްވޯކް ޕްރޮޑަކްޝަން ހައުސްއިން ވަނީ ލިލީމާ ބެހުމުގެ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގައި އައިޝާގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ޝާރިފް އަދި އިޝްފާންވެސް ހަރަކާތްތެރިވާކަން ފާހަގަކުރެވެއެވެ.

އެންމެ ލިލީމަލަކުންވެސް ހިތެއްގެ ވޭން ދުރުކޮށް، މޫނަކަށް ހިނިތުންވުން ގެނެސްދެވިދާނެއެވެ.—ފޮޓޯ:ކްރިއޭޓިވްނެޓްވޯކް އެފްބީޕޭޖް
އެންމެ ފަހުން ސޯޝަލް މީޑިއާގައި "14:17" މި ނަންބަރު ވަރަށް ބޮޑަށް ފެތުރެމުންދާން ފެށިއެވެ. ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މިއަދު 14:17 ގައި ލިލީ ކެމްޕެއިންގެ ސިއްރު ހާމަވެގެންދާނެއެވެ.
ކްރިއޭޓިވް ނެޓްވޯކުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަލަތު ފީޗާ ފިލްމެއްގެ ފުރަތަމަ ފެނިލުން ދައްކާލާފައިވާތީ، މި ކެމްޕެއިނަކީ އެ ފިލްމާ ގުޅުންހުރި ޕްރޮމޯޝަނަލް މަސައްކަތެއް ކަމަށް ބެލެވެއެވެ. އެ ފިލްމުގެ ފުރަތަމަ ވީޑިއޯގައި އައިޝާގެ އަޑު އިވޭކަން ފާހަގަކުރެވެއެވެ. ހިންނަވަރަށް މަޝްހޫރު މީހެއްގެ ވާހަކައަށް ފިލްމެއް އަންނަނީބާއޭ ސުވާލުވެސް އުފެދެއެވެ. އެހެނީ އޭގެއިން އިވެނީ "މަމީ ހިންނަވަރަށް މަޝްހޫރު…" މިވަރަށް ބުނި އަޑެވެ. ބަލަމާ ހިނގާށެވެ. މިސިއްރުވެސް އެނގިދާނެކަމަށް އުއްމީދުކުރަމާ ހިނގާށެވެ.
މިއީ ފިލްމެއްގެ ޕްރޮމޯޝަން ކަމަށް ވާނަމަ ދިހައަކުން ދިހައެއްގެ ސާބަަހެއް ކްރިއޭޓިވް ނެޓްވޯކް އަށް ލިބޭހާވެއެވެ. ސަބަބަކީ ލިލީމާ ރަށްތަކަށްވެސް ދަތުރުކޮށްފައިވާތީއެވެ. ބައެއްގެ މޫނުމަތިން ނަލަނަލަ ހިނިތުންވުމެއް ގެނައުމަކީކޮންމެ ކޮންމެ މީހަކަށް ކުރުން ފަސޭހަ ކަމަކަށް ނުވާއިރު ލިލީމަލެއް ހަދިޔާ ކޮށްލައިގެން އެ އުނދަގޫކަން ކޮށްލާތަން ފެންނާތީއެވެ. "އެންމެ ލިލީމަލަކުންވެސް ހިތެއްގެ ވޭން ދުރުކޮށް، މޫނަކަށް ހިނިތުންވުން ގެނެސްދެވިދާނެއެވެ." އެމަންޒަރު ފެނިއްޖެވެސްމެއެވެ.
މިވަގުތު ކްރިއޭޓިވް ނެޓްވޯކުން ދަނީ ސޯޝަލް މީޑިއާގައި ލިލީ ބޭނުންވެގެން ކޮމެންޓު ކުރާ މީހުންނަށާއި، ސްޓެޓަސް ޖަހާ މީހުންނަށް ލިލީމާ ބަހަމުންނެވެ. މި ކެމްޕެއިންގެ އަސްލު ސިއްރު ހާމަވާން އޮތީ މިއަދު މެންދުރުފަހު ކަމަށް ބެލެވެއެވެ. ލިލީމަލެއް ލިބުނަސް ނުލިބުނަސް ވާން އުޅޭ ގޮތް ބަލާލަން ބޭނުންވާ މީހުން ގިނަ ކަން ޔަގީނެވެ.

