ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނާއި އިތުރު މީހަކަށް މިހާރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އައިޖީއެމްއެޗްއިން މަޢުލޫމާތު ދެމުން ބުނީ، ފަރުވާ ދެމުންދަނީ އުމުރުން 14 އަހަރާއި 18 އަހަރުގެ ދެ ކުދިންނާއި 49 އަހަރުގެ މީހަކަށެވެ. މި ތިން މީހުންގެ ހާލަތު ވަނީ ސީރިއަސް ކަމަށާއި، އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، މަގުމަތީގައި ހިނގަމުން ދިޔަ ބައެއްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި ޖުމްލަ 4 މީހަކަށް ވަނީ އަނިޔާވެފައެވެ.
އަނިޔާވި 4 މީހުންގެ ތެރެއިން 3 މީހަކަށް މިހާރު ދަނީ މާލޭގައި ފަރުވާ ދެމުންނެވެ. އަދި އިތުރު އެއް މީހަކަށް ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

