މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ މިހާތަނަށް މަސްވެރިންނަށް ޖުމްލަ 46.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ 672 ދޯންޏަކުން ކިރުވި މަހަށް ދޫކުރެވުނު ފައިސާއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންނަށް 16.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ މެއި މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، ދެވަނަ ހަފްތާގައި ދޫކުރެވުނު 8.3 މިލިއަން ރުފިޔާއަކީ މެއި މަހުގެ ދެވަނަ ހަފްތާއާ އަޅާބަލާއިރު 43 އިންސައްތަ ދަށް އަދަދެކެވެ.
ތިންވަނަ ހަފްތާގައި 11.6 މިލިއަން ރުފިޔާ ދޫކުރެވުނުއިރު، މިއީ މެއި މަހުގެ އެއް ހަފްތާއާ އަޅާބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ. އަދި ހަތަރުވަނަ ހަފްތާގައި ދޫކުރެވުނު 9.8 މިލިއަން ރުފިޔާއަކީ މެއި މަހުގެ އެއް މުއްދަތާ އަޅާބަލާއިރު 67 އިންސައްތަ ދަށް އަދަދެކެވެ.
މިފްކޯއިން ބުނާގޮތުގައި، މި ދުވަސްވަރު މަސްވެރިންނަށް ދޫކުރެވޭ ފައިސާގެ އަދަދު ދަށްވެފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން މަސްވެރިކަމަށް ނުކުންނަ ދޯނިތައް މަދުވުމުގެ ސަބަބުންނެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، މި ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

