ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމުގެ މަގުސަދުގައި ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ އަދަބީ މުބާރާތް މިއަދު ރާއްޖޭގައި ފަށައިފިއެވެ. މި މުބާރާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބައިވެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އަހަރުގެ ގައުމީ އަދަބީ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތާއި އަދި ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28 ވަނަ ގައުމީ މުބާރާތެވެ.
މި މުބާރާތްތައް ކުރިއަށްދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައި، ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް މުބާރާތް ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލުގައެވެ. މުޅި ރާއްޖެއިން ޖުމްލަ 97 ސްކޫލަކުން މި މުބާރާތްތަކުގައި ބައިވެރިވެފައިވާއިރު، އޭގެތެރޭގައި އަތޮޅުތަކުން 77 ސްކޫލަކާއި މާލޭ ސަރަހައްދުން 20 ސްކޫލެއް ހިމެނެއެވެ.
މުބާރާތްތަކުގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތަފްސީލަށް ބަލާއިރު، މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1,099 ބައިވެރިންނާއި، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 1,006 ބައިވެރިންނާއި، އަދި ޅެންހެދުމުގެ މުބާރާތުގައި 529 ބައިވެރިން ވާދަކުރަމުންދެއެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. އަދި މުބާރާތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އެ ސެންޓަރުތަކުން ދިވެހިބަހުގެ އެކެޑަމީއާ ހިއްސާކުރަމުން ގެންދާނެ ކަމަށް އެކެޑަމީން ވަނީ ހާމަކޮށްފައެވެ.

