މިއަދު މެންދުރުފަހު އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ، ސިނަމާލެ ބްރިޖާއި ހަލިމަގުގައި ދަތުރުކުރާއިރު ސަމާލުވުމަށާއި، ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ބޭނުންކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް)އިން ދެއްވި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން މިފަދައިން އިލްތިމާސްކުރައްވާފައިވަނީ މިއަދު މެންދުރު 13:30 އިން ހަވީރު 17:00 އާ ހަމައަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީއެވެ.
މީގެއިތުރުން، ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާއިރު، އެކި ހިސާބުތަކަށް ވިއްސާރަވެ، ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިއްސާރަވެފައި ހުންނަ ވަގުތުތަކުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މެޓްގެ ރިޕޯޓުގައި ދައްކާގޮތުން، ކަނޑުތައް އާންމު މިންވަރަކަށް މަޑުވިނަމަވެސް، ވިއްސާރަވެ މޫސުން ގޯސް ސަރަޙައްދުތަކުގައި އާދައިގެ މިންވަރަކަށް ކަނޑު ގަދަވާނެއެވެ. ޚާއްޞަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވަނީ އަންގާފައެވެ.
މި ހާލަތާ ގުޅިގެން، ސިނަމާލެ ބްރިޖާއި ހަލިމަގުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށާއި، ވީވަރަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ބޭނުންކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

