ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުން ހަދާނީ 25 އަހަރުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި ކުލި ދައްކާ ޚަލާސްކުރުމުން އެ ތަންތަން މިލްކުވާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައިވާތީ، އެކަން ހައްލުކުރުމަށް އަލަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ވަޒީރު ހާމަކުރެއްވިއެވެ.
މިހާރު ގާނޫނުތަކާއި އުސޫލުތައް އޮތް ގޮތުން، ފްލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ދަތިކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “ބޯހިޔާވަހިކަމުގެ ބިލު” ފާސްވުމުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
“މިހާރު މިދޭ 4000 ފްލެޓު އަޅުގަނޑުމެން އެގްރިމެންޓު ކުރާނީ 25 އަހަރުގެ މުއްދަތަށް. އެ ކަނޑައެޅިފައި އޮތް ކުއްޔެއް ދެއްކީމަ އެފަރާތްތަކަށް އެތަން ރެޖިސްޓްރީކޮށްދޭ ގޮތަށް،” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުން ކުލި ނުދެއްކުމުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ފާހަގަކުރައްވަމުން، ހުޅުމާލޭގެ އެކި ހައުސިންގ މަޝްރޫޢުތަކުން ދޫކޮށްފައިވާ ފްލެޓުތަކުން 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ނުލިބި ވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން އިތުރު ހައުސިންގ މަޝްރޫޢުތަކަށް ބޭރުގެ ފައިނޭންސް ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގައި މިހާރު އޮތް ބިލު ފާސްވުމުން، ކުލި ނުދައްކާ ފަރާތްތަކުގެ ފްލެޓުތައް ގާނޫނީ ގޮތުން އަތުލުމުގެ ބާރު ލިބޭނެ ކަމަށާއި، ފްލެޓު ލިބޭ ފަރާތްތަކުން އެތަންތަން ކުއްޔަށް ދޫކޮށްފިނަމަވެސް ގަވާއިދުގެ ތެރެއިން އެތަންތަން އަތުލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

