ފަތުރުވެރިކަމުގެ ވަސީލަތްތައް މަދު ހަ އަތޮޅެއްގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް އައު ފުރުސަތުތަކެއް ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިކަމަށް ޤައުމުގެ އެންމެ އިސްވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.
އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްވެވި ރިޔާސީ ބަޔާނުގައި އިޝާރާތްކުރެއްވި ކަމެކެވެ. މި މަޝްރޫޢުގެ ދަށުން އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އަތޮޅުގެ އިތުރުން، މެދުރާއްޖެތެރެއިން ތ އަތޮޅާއި، ދެކުނުން ލ އަތޮޅާއި އައްޑޫ ސިޓީގައި އައު ފުރުސަތުތައް ތަޢާރަފުކުރެވޭނެ އެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްސަ މާކެޓިން ސްޓްރެޓެޖީއެއް އެކުލަވާލެވި، އިންވެސްޓަރުންނަށް ޚާއްސަ ހިތްވަރުދިނުމުގެ ޕެކޭޖްތަކެއް ހިމެނޭނެ އެވެ. މީގެ އިތުރުން، ފަތުރުވެރިކަމާ ގުޅުންހުރި އިތުރު އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށްވެސް މަގުފަހިކުރެވޭނެ އެވެ.
އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކާއެކު، މިވަގުތަކީ ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތް އައު ހަރުފަތަކަށް ގެންދިއުމަށް އެންމެ އެކަށޭނަ ދަނޑިވަޅުކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މި މަޝްރޫޢުއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

