ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާ ޓާމިނަލްއާ ގުޅޭގޮތުން 36 އެއާލައިންއަކާއެކު 45 ފަރާތަކަށް ހާއްސަ ޓުއާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޓުއާތަކަކީ އަންނަ މަހު ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޓުއާތަކެކެވެ.
މި ޓުއާތަކުގައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކުގެ އިތުރުން ރިސޯޓް ރެޕްރެޒެންޓޭޓިވުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަންގެ މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި މިހާތަނަށް 36 އެއާލައިނަކަށާއި ހަތް ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއާ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ އާ ޓާމިނަލްގައި ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް ހިމެނެއެވެ.
މި ކިއޮސްކްތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާ ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓްކުރެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މިހާރު ބޭނުންކުރަމުންދާ ޓަރމިނަލްއާ ޚިލާފަށް އަލަށް ހުޅުވާ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށާއި، ޓަރމިނަލްގެ އެތެރެއާއި ބޭރުން ދިވެހިވަންތަކަމުގެ ސިފަތައް ފެންނަމުންދާނެކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

