ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލަ މެއި މަހު ހުށަހެޅިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ އަނިޔާގެ 22 މައްސަލައެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖިންސީ ގޯނާގެ 16 މައްސަލައާއި، ނަފްސާނީ އަނިޔާގެ 13 މައްސަލަ ހިމެނެއެވެ. މީގެއިތުރުން، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާކުރުމުގެ 6 މައްސަލަ ވެސް ވަނީ ހުށަހެޅިފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ 4 މައްސަލައާއި، އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ އެއް މައްސަލަ ވެސް މެއި މަހު ވަނީ ހުށަހެޅިފައެވެ.
ޖިންސުގެ ގޮތުން ބަލާއިރު، މެއި މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ފިރިހެން ކުދިންގެ 52 މައްސަލައާއި، އަންހެން ކުދިންގެ 45 މައްސަލަ ވަނީ ހުށަހެޅިފައެވެ.

