ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން މިއަދު ވަނީ ޖަޕާން ބަލިކޮށް ދެވަނަ މޮޅު ހޯދާފައެވެ. މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 59-32 ގެ ބޮޑު ތަފާތަކުންނެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ޓީމުން ދައްކަމުންދަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެކެވެ. އިއްޔެ ކުޅުނު މެޗުގައި ޗައިނީޒް ޓައިޕޭ ބަލިކޮށްފައިވަނީ 51-26 ގެ ތަފާތުންނެވެ.
މި މުބާރާތުގައި ޖުމްލަ 11 ގައުމަކުން ވާދަކުރަމުންދާއިރު، މުބާރާތުގެ ގަދަ ފަހެއްގެ ތެރެއަށް ދަތުރުކުރާ ޓީމުތަކަށް ޗެމްޕިއަންޝިޕަށް ކުރިއަށް ދެވޭނެއެވެ. އަދި ބާކީ ތިބި ޓީމުތައް ވާދަކުރަން ޖެހޭނީ ޕްލޭޓް މުބާރާތުގައެވެ.
ރާއްޖޭގެ ޓީމުން ދެން ކުޅޭނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރާއްޖެ ގަޑިން ފަތިހު 6:00 ގައެވެ.
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މެލޭޝިއާއިންނެވެ. އެ އަހަރުގެ ފައިނަލްގައި މެލޭޝިއާއިން ވަނީ ސިންގަޕޫރު ބަލިކޮށްފައެވެ.

