އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގެ ދަށުން ހިންގާ ކޮންނަބޯޓު "މަހާޖައްރާފު" އަށް ކައްކާއެއް ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ. މި މަޤާމަށް ހޮވޭ ފަރާތަށް މަހަކު 30,960 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ އިތުރުން ސިއްޙީ އިނާޔަތާއި ޕެންޝަން އިނާޔަތްވެސް ލިބޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ކަނޑުމަތީގައި ކައްކާއެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެއިތުރުން، ސެޓިފިކޭޝަން އެންޑް ވޮޗްކީޕިން ފޯ ސީފެއަރާސް (އެސްޓީސީޑަބްލިއު) މެނިލާ 2010 ގެ ދަށުން ބޭނުންވާ ހުރިހާ ސެޓްފިކެޓްތަކެއް ހަމަވެފައި ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކްރޫއަށް ކެއުން ތައްޔާރުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަން ބެލެހެއްޓުމާއި، ބޯޓުގެ ކައްކާބައި ބެލެހެއްޓުމާއި، ޕްރޮވިޝަން ސްޓޯ ބެލެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން މާސްޓަރާ ގުޅިގެން ޕްރޮވިޝަން ސްޓޮކް އަދި އެޑްމިނިސްޓްރޭޝަން ބެލެހެއްޓުންވެސް ހިމެނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންގާރަ ދުވަހެވެ. ވީމާ، ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތަށް ކުރިމަތިލެވޭނެއެވެ.

