ބ. ތުޅާދޫގައި ރޯގާ އާއި ޑެންގޫ ހުން ހަލުވިކަމާއެކު ފެތުރެމުންދާތީ، ކޮންމެހެން ބޭނުން ކަމެއް ފިޔަވައި އިތުރު ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް އެރަށު ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީމަރުކަޒުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން، ރަށުގައި މަދިރި އާލާވާ މިންވަރު އިތުރުވެފައިވާތީ، ވަގުތީގޮތުން ފުޓްސަލް ދަނޑު ބޭނުންނުކުރުމަށްވެސް ވަނީ އަންގާފައެވެ.
މިވަގުތު ދުވާލެއްގެ މައްޗަށް 80 އަށްވުރެ ގިނަ މީހުން ސިއްހީ މަރުކަޒަށް ފަރުވާ ހޯދުމަށް ޒިޔާރަތްކުރާއިރު، މިއީ އާންމު ދުވަސްތަކާ އަޅާބަލާއިރު ހަތަރު ގުނައަށްވުރެ އިތުރު އަދަދެކެވެ. އަދި ރޯގާގެ ސަބަބުން ތުޅާދޫ ސްކޫލުގެ ކިޔެވުންވެސް އިންޓަވަލް ފަހުން ވަނީ ހުއްޓާލާފައެވެ.
ސްކޫލުގެ ގިނަ އަދަދެއްގެ މުދައްރިސުން ސަލާމުގައި ތިބިއިރު، ދަރިވަރުންގެ ދެބައިކުޅަ އެއްބައި ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރެވެއެވެ. ކައުންސިލުން ބުނާގޮތުގައި ފުޓްސަލް ދަނޑު ބަންދުކުރަން ޖެހުނީ އެސަރަހައްދުގައި ކުނިކޮށި ހުރުމާއި، މަދިރި އާލާވާ މިންވަރު އިތުރުވެފައިވާތީއެވެ.
މިދުވަސްވަރު މުޅި ރާއްޖޭގައިވެސް ރޯގާއާއި ޑެންގޫ ހުމުގެ އިތުރުން ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފާހަގަކޮށް، ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

