މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އަމާޒަކީ އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ޓާމިނަލާއެކު ލިބެމުން އަންނަ ފައިދާ އިތުރުކުރުންކަމަށް، އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި އެމްއޭސީއެލްގެ 2024 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އާ ޓާމިނަލްއާއެކު ކުންފުނިން ދެމުންދާ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުމަކީ އެކުންފުނީގެ އަމާޒުކަމަށެވެ. އަދި އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވެފައިވަނީ އެމްއޭސީއެލްއިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ކުންފުނީގެ ކުރިމަގު ފެންނަނީ އުޖާލާކޮށްކަމަށާއި، އުންމީދަކީ ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލްއަށް 2023 ވަނަ އަހަރު 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 32.2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ އެކުންފުނީގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ފައިދާއެވެ.
މިވަގުތު އެމްއޭސީއެލްގެ އެންމެ އިސް އަމާޒަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. މި ޓާމިނަލްގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ގިނަ އުމްރާނީ ވަސީލަތްތަކެއް ވަނީ ޤާއިމްކުރެވިފައެވެ. އެކުންފުނީގެ އަމާޒަކީ ފަސިންޖަރުންނާއި، އެއާލައިންތަކާއި، ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

