ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޅ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް ވަނީ ނިމިފައެވެ.
އާރްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، 291,600 ރުފިޔާގެ އަގުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ފެށީ މިއަހަރުގެ މާރިޗް 29 ވަނަ ދުވަހުއެވެ. މަސައްކަތް ހަވާލު ކުރިތާ މިއަދަށް ބަރާބަރު 3 މަސްދުވަސް ވީއިރު އާރްޑީސީ އިން މިވަނީ އެމަސައްކަތް ފުރިހަމަކޮށް ނިންމާލާފައެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރާ ގުޅޭ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދު ފުއްދުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ރައީސް މުޢިއްޒުގެ ކުޅިވަރާ ގުޅޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދެއްވުމެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ފަށާފައެވެ.
މި މަޝްރޫއުތަކުގެ ގިނަ މަސައްކަތްތައް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައެވެ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ކުޅިވަރާއި ދުޅަހެޔޮ ދިރިއުޅުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ

