ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ސިނާއަތު އިތުރަށް ސިންދަފާތު ކުރުމަށްޓަކައި އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިއީ ރާއްޖޭގައި ރިސޯޓްތައް މަދު ހަ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތް ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި ނިންމެވުމެކެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުގެ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކްއިޒިޝަންގެ ޕަރ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކޮށްފައެވެ.
މި ލުއިތަކުގެ ތެރޭގައި، ކްލޯޒް ބިޑިންގގެ ދަށުން ތ. އަތޮޅުގެ ރަށްރަށުން ލޮކޭޝަން ޕްރީމިއަމް އުނިކުރުމާއި، ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން ހިމެނެއެވެ. އަދި ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް 150,000 އެމެރިކާ ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި، ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަދި ލ. އަތޮޅާއި އައްޑޫ އަތޮޅުގެ 20-40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރީމިއަމްތައް އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރީމިއަމްތައް 2,000,000 ޑޮލަރުން 1,000,000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.
މި ލުއިތަކާއެކު، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުން ޖުމްލަ 31 ޕްރޮޖެކްޓް އޯޕަން ބިޑިންގ، ކްލޯޒް ބިޑިންގ އަދި ޙަލާލު ޓޫރިޒަމްގެ މޮޑެލްތަކުގެ ދަށުން ހުޅުވާލާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ކޮންމެ އަތޮޅަކުން ޙަލާލު ޓޫރިޒަމްގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ހިމެނެއެވެ.

