އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާނުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތްކުރާ ރަށްތަކުގެ ތެރޭގައި
- ށ. ފުނަދޫ،
- ހއ. އިހަވަންދޫ،
- ޅ. ނައިފަރު
- ގއ. ވިލިނގިލި ހިމެނެއެވެ.
މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި
- ރ. މީދޫ،
- ކ. ގުޅި،
- ގދ. ނަޑެއްލާ،
- ގދ. މަޑަވެލި،
- ގދ. ހޯނޑެއްދޫ،
- ގދ. ފަރެސްމާތޮޑާ،
- ފ. ފީލައިދޫ،
- ދ. ރިނބުދޫ،
- އދ. ފެންފުށި،
- އއ. މަތިވެރި،
ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުންނެވެ. އަދި މިއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ އެންމެހާ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަތުން މި މަހުގެ 30 އިން ޖުލައި 15 އަށް ކުރިއަށްދާނެ ކަމަށާއި، ފައިސާ ދެއްކޭނީ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ވެސް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 16 ވާ ބުދަ ދުވަހުގެ 14:00 ކަމަށާއި، ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ބިޑު ހުޅުވުން އޮންނާނީ ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

