ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް މިރޭ ސިންގަޕޫރަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅު ކުރިއަށްދާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގަތުމުން، އެއާޕޯޓުން އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ޓީމަށް މަރުހަބާ ދެންނެވީ މިނިސްޓަރ އިން އެޓެންޑެންސް އަދި މިނިސްޓަރު އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ހިޒް އެކްސެލެންސީ ޓަން ކިއާޓް ހާއުއެވެ. މީގެއިތުރުން ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ސޯ ކޮކް ލެންގް އާއި އޭނާގެ އަނބިކަނބަލުން އަދި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒް ވެސް މަރުހަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމުގެ އިތުރުން ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ އިތުރުން، ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

